ތިން ރައީސުން ސަރުކާރު ހަމަ މަގަށް އަޅުވަން!

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަކީ އަބަދުވެސް ހީނުކުރާ ފަދަ ބަދަލުތައް އަންނަ ތަނެކެވެ. އެހެންނަމަވެސް، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރުމުގެ ނަމުގައި މި ތިން ލީޑަރުން އެއްގަލަކަށް އެރުމަކީ މިހާރުގެ ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ވަރަށް ވަރުގަދަ އިމްތިޙާނަކަށް ވާނެކަން ކަށަވަރެވެ.

މި ތިން ބޭފުޅުންގެ ބައްދަލުވުމާ ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީގެ އިސް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް، ހަރުކަށި ބަސްމަގުން ފާޑުވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބޭފުޅުން ސިފަކުރެއްވީ އެކަކު އަނެކަކަށް އިތުބާރު ނުކުރާ، ނާކާމިޔާބުވެފައިވާ ބޭފުޅުންގެ ގޮތުގައެވެ. ހަމައެއާއެކު، މަޖިލީހުގެ ރައީސާއި ޕީއެންސީގެ ޕީޖީ ލީޑަރު ވެސް ވަނީ މިއީ ހަމައެކަނި ވަގުތީ ސިޔާސީ ފައިދާއަކަށްޓަކައި އުފައްދާފައިވާ އިއްތިޙާދެއް ކަމަށް ވިދާޅުވެ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

މީގެ ކުރިން ތަފާތު ސިޔާސީ ފިކުރުތަކުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މި ތިން ލީޑަރުން ގުޅިވަޑައިގަތުމަކީ ސަރުކާރަށް ސިޔާސީ އަދި ޚާރިޖީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެ ކަމެކެވެ. މި އާ ގުޅުމުގެ ސަބަބުން އިދިކޮޅު ހަރަކާތްތަކަށް އާ ރޫޙެއް ލިބި، ސަރުކާރާ ދެކޮޅަށް ވަރުގަދަ ސިޔާސީ ރާޅެއް އުފެދިގެންދާނެއެވެ. ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަ ހޫނު ރައްދުތަކުން ދޭހަވަނީ، މި ބައްދަލުވުމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ކަންބޮޑުވުންތަކާއި ލޮޅުންތަކެއް އުފެދިފައިވާ މިންވަރެވެ.

ޙަޤީޤަތުގައި މިއީ މިހާރުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ. ރާއްޖޭގެ ސިޔާސީ ތިން ބާރު އެކުވުމަކީ ސަރުކާރުގެ ހިންގުމަށާއި މަޤުބޫލުކަމަށް އޮތް ބޮޑު ހުރަހެކެވެ. މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މި ކަންތައްތަކުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހުންނަވާނީ ސިޔާސީ ގޮތުން ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.

މި ބޮޑު އިއްތިޙާދުގެ ސަބަބުން އުފެދޭ ލޮޅުންތަކަކީ މި ސަރުކާރުގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލަކަށް ވާނެކަން ޔަޤީނެވެ.