އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރުކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއް ކަމަށާއި ހަމައެކަނި ނަމުން ޑިމޮކްރަޓިކް ވުމަކީ ޑިމޮކްރަސީ ނޫން ކަމަށްވާއިރު، އެމްޑީޕީން ކުރި ކަމަކީ ތަންތަން ހުޅުދާން ކުރުން ފަދަ ކަންކަން ކަމަށެވެ.
"ދެން އަނެއްކާވެސް އަޅައިކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާ އިބްރާހީމް މުޙައްމަދު ސޯލިހަށޭ. އަދިވެސް އިނގޭތޯ، އަދިވެސް އެނީޓައިމް އޮފް ދަ ޑޭ, އެނީޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ. އެމްޑީޕީން ރާއްޖޭގެ ހުރިހާ މުއައްސަސާތައް، ކޮބައިތޯ މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން ކުރި މަސައްކަތް؟ ޖޭއެސްސީ ހުޅުވައިގެން ރޭގަނޑު ދަންވަރު ކުރި ކަންތައް ކޮބައިތޯ؟ އެމީހުންނަކީ ފާޅުގައި ހުރިހާ އަސާސްތަކަށް، ޑިމޮކްރަސީގެ އަސާސްތަކަށް އަރައިގަތް ބައެއް ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމަށާއި ރާއްޖޭގައި އޮންނާނީ މި ގައުމަށް ފިޓުވާ ޑިމޮކްރަސީއެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީއަކީ އަބަދުވެސް ބަދަލު އަންނަން ޖެހޭ އެއްޗެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮންމެހެން ތައުލީމު ހާސިލުކުރައްވައިގެން ތިއްބެވި ބޭފުޅުން ވާން ނުޖެހޭ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ކޮރަޕްޝަނާއި ހުރިހާ ކަމެއް ނައްތާލަންވެސް އެންމެ އައުލާކަން ބޮޑީ އިލްމު ކަމަށެވެ. އިލްމު އުނގުނިގެން ތިބޭ ބަޔަކު ތިބެންޏާ، ކޮރަޕްޝަންގެ ކަންތައްތައް ކުރަން ޖެހުލުން ވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އަދި އެމްޑީޕީން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" އުފުލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ތަކުލީފެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.