ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގެވުމަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ވުޒާރާތަކުގެ މެންޑޭޓުތައް އަލުން ތަރުތީބުކުރައްވައި މަގާމުގެ ހުވައިކުރެއްވި 14 ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމީޓީން ފާސްކޮށްފިއެވެ.
މިބަދަލުތައް ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވީ، ރައްޔިތުން އެދޭ ބަދަލުތައް ސަރުކާރަށް ގެންނެވުމަށް ރައީސަށް ޖާގަދެއްވުމުގެ ގޮތުން ކުރިން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ދިހަ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުން އިސްތިއުފާދެއްވީ ސަރުކާރުގެ ހިންގުމަށާއި އިދާރީ އޮނިގަނޑަށް ގެންނެވުމަށް ރައީސް ގަސްތުކުރައްވާ އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
އެ ބޭފުޅުން އިސްތިއުފާދެއްވުމާއެކު ބައެއް ވުޒާރާތައް އެއްކުރައްވައި ކުރިން ހުރި ބައެއް ވުޒާރާތައް އުވާލައްވައި، ވުޒާރާތަކުގެ މެންޑޭޓު މުޅިން އަލަށް އެކުލަވައިލެއްވިއެވެ. އަދި ވުޒާރާތަކުގެ އަދަދުވެސް ވަރަށް ބޮޑަށް މަދުކުރައްވައި 15 ވުޒާރާއެއްގެ މައްޗަށް ސަރުކާރުގެ އިދާރީ އޮނިގަނޑު އަލުން ތަރުތީބުކުރެއްވުމަށް ރައީސް ނިންމެވިއެވެ.
އެ ނިންމެވުމާ އެއްގޮތަށް އޮނިގަނޑު ތަރުތީބުކުރެއްވުމާއެކު، ކުރިއްސުރެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި އަލަށް ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެންނެވި ހަތަރު ބޭފުޅަކާއެކު ޖުމްލަ 14 ބޭފުޅުން ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހުވާކުރައްވާފައިވެއެވެ.
ރުހުން ހޯދުމަށް ނަން ފޮނުއްވި 14 ވަޒީރުން
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް - މޫސާ ޒަމީރު
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ - ޢަލީ އިޙްސާން
މިނިސްޓަރ އޮފް ފޮރިން އެފެއާޒް - އިރުތިޝާމް އާދަމް
މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. އިސްމާޢީލް ޝަފީޢު
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ - ޤީލާ ޢަލީ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް - މުޙައްމަދު ސަޢީދު
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް - ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން - މުޙައްމަދު އަމީން
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް - ޢަބްދުﷲ ރާފިޢު
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް - ހީނާ ވަލީދު
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް - ޑރ. ޢަބްދުﷲ މުއްޠަލިބް
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - ޢަލީ ޝަރީފް
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް - ޙަސަން ރަޝީދު
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް - އަޙްމަދު ޝިޔާމް
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވިނަމަވެސް 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ. އަދި ހުރިހާ ވަޒީރުންނަށްވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ބޭފުޅުންނަށް ރުހުން ދިނުމާމެދު އާޚިރު ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓަކުންނެވެ.