ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ސަރުކާރުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ހިނގާ

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ސަރުކާރުގެ ސައިޒު ކުޑަކުރުމަށާއި ޚަރަދުތައް ކުޑަކުރުމަށް ފަށާފައިވާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބަލައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުމަށް ނިންމި ނިންމުން ވަރަށް ހަރުދަނާކަމާއެކު ތަންފީޒު ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް މަދުކުރެވިފައެވެ. މި ބަދަލާއެކު ބައެއް މިނިސްޓަރުންގެ މަސްއޫލިއްޔަތުތައް އިތުރުކޮށް، އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނެސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "މިހާރު އެބަ ހިނގާ ހަމަ ކޮންމެ ދުވަހަކު އިދާރީ މަސައްކަތްތައް. މި މަދުކުރެވިގެންދިޔަ ފަނަރަ މިނިސްޓްރީއަށް މިހާރު މަދުކުރެވިފައި އޮތްއިރުގައި، ކުރީގެ ވިހި މިނިސްޓްރީ ފަސް މިނިސްޓްރީ މަދުވެގެން މިދިޔައީ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، އެ އަދަދުތައް މަދުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ހަފުތާ ބަންދު ދުވަސްތަކުގައިވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ޕްރޮސެސް ނިމުމުން ވަރަށް ގިނަ ބައެއްގެ ވަޒީފާ އުވިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ކޮންމެ މިނިސްޓްރީއަކުން މަދުކުރި މުވައްޒަފުންގެ ތަފްސީލުތައް ހާމަކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

މުވައްޒަފުން މަދުކުރުމުގައި ޕާފޯމަންސް ނުވަތަ މަސައްކަތުގެ ފެންވަރަށް ބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ވަގުތަށް ވަޒީފާއަށް ހާޒިރުވުމާއި، ހަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އަދާކުރާ މިންވަރަށް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކީ މަސައްކަތުގެ ފެންވަރު ދަށްވެގެން ވަކިކުރާ މީހެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ވަރަށް ޚިދުމަތްތެރި ބޭފުޅުންވެސް ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެންނެއް ނޫން، ވަރަށް ރަނގަޅަށް މަސައްކަތްކުރި ބޭފުޅުންވެސް އެބަތިބި. އެހެން ނަމަވެސް، ސަރުކާރުގެ ސައިޒް ކުޑަކޮށް ސަރުކާރު މަސައްކަތް ކުރަމުންދާގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،" ރައީސް ވިދާޅުވިއެވެ.

ބޭރު ގައުމުތަކަށް ސަފީރުން އައްޔަންކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުއްލިއަކަށް އެއް ދުވަހުން ސަފީރަކު އައްޔަން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެމްބަސެޑާ އެޓް ލާޖްގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ އެ ގައުމަކުން އެގްރީމަންޓް (Agreemo) ލިބެންދެން ކަމަށް ރައީސް ތަފްސީލުކޮށްދެއްވިއެވެ.