އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އޭޖީ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ވެސް ބޭނުންކުރަން އޮންނަނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށްގެންނެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބޭ ހައްގުތަކަކީ އެއްވެސް އިމެއް ނެތް ގޮތުގައި ހައްދެއް ނެތް ގޮތުގައި ލިބޭ މިނިވަންކަމެއް ނޫން ކަން. ގާނޫނުއަސާސީން ލިބޭ ކޮންމެ މިނިވަންކަމަކީ ވެސް އޭގެ ޒިންމާތަކަކާ މަސްއޫލިއްޔަތުތަކެއް އޭގައި އެކުލެވިގެންވާ ހައްގުތަކެއް،" އޭޖީ ވިދާޅުވި އެވެ.
"އެހެންވެގެން ގާނޫނުއަސާސީގައި އޮންނަނީ ދެވަނަ ބާބުގައި އޮންނަ ހައްގުތައް ގާނޫނެއްގެ ދަށުން، ގާނޫނެއްގައި ލިޔެގެން ހަނިކުރެވިދާނޭ."
އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުފެއްދީ ވެސް އެ އުސޫލުންނެވެ.
އޭޖީ ވިދާޅުވީ އެއްވެވޭނެ ތަންތަން ސަރުކާރުން ކަނޑައަޅާ ގޮތަށް އެ ގާނޫނުގައި އޮތް މާއްދާ އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެހެން ނަމަވެސް އިސްލާހުކުރާނީ ރާއްޖެއާ ގުޅޭ ގޮތަށް ކަމަށެވެ.