އެޓާނީ ޖެނެރަލް އަދި ރައީސް މުއިއްޒު - - ފޮޓޯ: ރައީސް އޮފީސް

ބަންޑާރަނައިބު އޮފީހުގެ އަލިމަސް ޔޫބީލް ހަނދާނީ ފޮތް ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިފި

އާއިޝަތު އަނާ ރަޝީދު
 
8 މަސް ކުރިން

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރުއްވައި، އަދި ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ބަންޑާރަނައިބުގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އިނާމު ދެއްވުން ވެސް އޮތެވެ. މިގޮތުން، 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ޙަވާލުކޮށްދެއްވިއެވެ. އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އިނާމު ޙަވާލުކޮށްދެއްވިއެވެ.

މި ޚާއްޞަ މުނާސަބަތުގައި، ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.

އަލިމަސް ޔޫބީލް ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި، ޝަރުޢީ ކޯޓުތަކުގެ އިސްވެރިން، ކުރީގެ ބަންޑާރަނައިބުން އަދި އެ އޮފީހުގައި ކުރިން އަދި މިހާރު ޚިދުމަތްކުރައްވާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޙަފުލާގެ ނިމުމުގައި ނެގުނު ހަނދާނީ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.