މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފި އެވެ.
މި ގަވާއިދުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ، މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާއި ހިލާފުވާ ހާލާތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.
އެ ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.
މި ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.
މި ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، އެކަންކަމާ ހިލާފުވާ ނަމަ ވަކިވަކި ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅިދާނެ ކަމަށް މި ގަވާއިދު ބުނެ އެވެ.
މައްސަލަ ބަލާނީ، އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެ ކޮމިޝަނުގެ މެމްބަރުން ފިޔަވައި އެހެން މީހުން ހިމެނިދާނެ ކަމަށް ވެސް ގަވާއިދުގައިވެ އެެވެ.
އަޅާނެ ފިޔަވަޅު ނިންމާނީ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.