ޤައުމުގެ މިހާރުގެ ހާލަތު އޮތްގޮތުން ސިޔާސީ ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ޤައުމީ މަޞްލަޙަތު އިސްކޮށްގެން މަސައްކަތް ކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މިރޭ ތިން ރައީސުން އެއްބަސްވުމަކަށް ވަޑައިގަތީ ޤައުމުގެ ހާލަތު މިވަގުތު އޮތްގޮތް ތަޞައްވުރު ކުރެވޭތީ އާއި، ރައްޔިތުންނަށްޓަކައި އިސްވެ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ކޮންމެ ބޭފުޅެއްގެ މެދުގައިވެސް ފިކުރީ ގޮތުން ތަފާތުތަކެއް ހުރި ނަމަވެސް، މިއީ އެކަންކަމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރަންވީ ވަގުތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މިއަދު އެޅިފައިވާ ހުރަސްތަކާ މެދު ރައީސް ޞާލިޙް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމާއި، ޝަރުޢީ ދާއިރާއަށް ވެރިކަން ހިންގުމުގެ ފަރާތުން ނުފޫޒު ފޯރުވައި މުއައްސަސާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިން މީހުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ރައްޔިތުންނާ އެކީގައި ކުރުމަށް މިވަނީ އެއްބަސްވެފައި. އަޅުގަނޑުމެންގެ މައިގަނޑު ބްރޯޑް އެއްބަސްވުމެއް މިރޭ މި ހިއްސާކޮށްލަނީ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރަންހުރި ކަންތައްތައް ރާވައިގެން ކުރިއަށްދާނެ ކަމަށާއި، މައިގަނޑު އަމާޒަކީ ޤައުމުގެ ހާލަތު އިޞްލާޙުކޮށް ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ވިދާޅުވެ ރައީސް ޞާލިޙްގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.