ފޯނު ކޯލެއް ބްރޯޑްކާސްޓްކުރާނަމަ އެފަރާތަކަށް އެކަން އަންގަންޖެހޭނެ: މީޑިއާ ކޮމިޝަން

މުހައްމަދު ހަމީޒް
 
57 މިނެޓު ކުރިން

މީޑިއާތަކުން ފޯނު ކޯލްތަކާއި އެހެނިހެން މުޢާމަލާތްތައް ވަގުތުން ބްރޯޑްކާސްޓްކުރާނަމަ، އެކަން އެ މުޢާމަލާތެއްގައި ބައިވެރިވާ ފަރާތަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް (ލައިވް ޕްރޮގްރާމްތައް ހިމެނޭހެން) ބްރޯޑްކާސްޓްކުރުމުގައި، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށެވެ.

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ވަދެއުޅޭ ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުޢާޞަލާތްތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމުގައި ކަނޑައަޅައި، އެ ޙައްޤުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވެއެވެ.

މީގެއިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމަށް ވަނީ ބާރުއަޅާފައެވެ.


އަދި އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، ހޯދި މަގްސަދަށް އެކަނި މައުލޫމާތު ބޭނުންކުރުމާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ އިތުރުން، ޒާތީ މަޢުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުމަކީ މީޑިއާތަކުގެ މައްޗަށް ލާޒިމުވެގެންވާ ފަންނީ ޒިންމާތަކެއް ކަމަށްވެސް ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުޢާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުޢާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ފޯނު މުޢާމަލާތެއް ވަގުތުން ލައިވްކުރާނަމަ، އެއީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށާއި، ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމުގެ މިންގަނޑުތަކަށް އެންމެހައި ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިތުމަށް މީޑިއާ ކޮމިޝަނުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.