"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މީޑިއާތަކަށް އަންގައިފިއެވެ. އެ ކޮމިޝަނުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނީ، މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، ކޯޓު އަމުރުގައިވާ ކަންކަމަށް ހުރިހާ މީޑިއާތަކުން ވެސް އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ.
ކޯޓު އަމުރުގައި މަނާކޮށްފައިވާ ކަންކަން
ކްރިމިނަލް ކޯޓުން އާންމުކޮށް އެންމެންގެ މައްޗަށް ނެރުނު މި އަމުރުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންކަމަކީ: "އަދަދު" ނޫހުގެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ނުވަތަ ނުސީދާ ގޮތުން ވެސް ނުދެއްކުމެވެ. މީގެ އިތުރުން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ ދެއްކުމާއި، ޝަރީއަތާ ގުޅުންހުރި ލިޔެކިޔުންތައް ފެތުރުން ވެސް ވަނީ މަނާކޮށްފައެވެ. މި އަމުރާ ހިލާފުވާ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް އަމުރުގައިވެއެވެ.
މި އަމުރު ގާޒީ މުޒައްމިލު ނާސިރު ނެރުއްވީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލުކުރަން އަންގާ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމާ ގުޅިގެންނެވެ. ކޯޓުން ފާހަގަކުރި ގޮތުގައި ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައަޅައި، އަބުރު ރައްކާތެރިކުރުމަށްޓަކައި ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކަމެކެވެ.
އަބުރު ރައްކާތެރިކުރުމާއި ގާނޫނީ ހަމަތައް
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ، މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވި ދައުވާ އުފުލޭ ހާލަތުގައި ވެސް އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު އޮންނާނެ ކަމަށެވެ. "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކޮށްގެން މެނުވީ މީހަކު ކުށެއް ކުރި ކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތް" ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން، ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ. އެ ބޭފުޅުން ވިދާޅުވީ ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި، މަސްދަރު ހާމަނުކުރާނެ ކަމަށެވެ. ނަމަވެސް ކޯޓުން ބުނީ ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ކޯޓުތަކުގެ ޒިންމާއެއް ކަމަށެވެ.