މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލުބައިންދަން ޖެހޭނެ ކަމަށް ދެއްކެވި ވާހަކައާ ގުޅޭ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
މި ވާހަކަ ފަލާހު ދައްކަވާފައިވަނީ މީޑިއާ ރެގިއުލޭޓްކުރުމަށް ސަރުކާރުގެ ނުފޫޒު ފޯރުވޭނެ ކޮމިޝަނެއް އުފެއްދުމަށް ހުށަހެޅިފައިވާ ބިލުގެ ބަހުސްގައެވެ.
މުޒާހަރާގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން ބައެއް އިސް ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ރައީސް އޮފީހުން ނުކުތުމާއެކު ނޫސްވެރިން ވަނީ އެމަނިކުފާނު ވަށާލައި ސުވާލުކުރަން ފަށާފައެވެ. ފަލާހުގެ ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެފަދަ ވާހަކަތައް ދެއްކުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ މުއިއްޒާ ދެކޮޅަށް ނޫސްވެރިން ކުރި ސުވާލުތަކުގައި، ފަލާހާ މެދު ޕާޓީން ފިޔަވަޅު އަޅުއްވާނެތޯ އެހުމުން، މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވަކި ފިޔަވަޅެއް އަޅުއްވާނެކަން ނުވަތަ ނޫންކަން ސާފުކޮށް ވިދާޅެއް ނުވެއެވެ. މި މައްސަލައިގައި ފާހަގަކޮށްލެވެނީ ފަލާހުގެ ވާހަކަ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވި ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިބްރާހީމް ސައީދު (ކޭޑު) 24 ގަޑިއިރު ނުވަނީސް ވަޒީފާއިން ވަކިކުރެވިފައިވާކަމެވެ.