ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެންބަރަކާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސްކަން ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް މާލީ ބަޔާން ހާމަނުކުރާކަން އެނގިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން ވަނީ ޖުމުލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން ހާމަކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މި މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން މިހާތަނަށް އެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު، ފަސް މެންބަރަކު މާލީ ބަޔާން ހާމައެއް ނުކުރެއެވެ.
ޖުމްލައިން ބެލުމުން އެނގުނު ގޮތުގައި އެ ފަސް މެންބަރުންނަކީ:
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
މެންބަރުންގެ މާލީ ބަޔާންތަކުން ހައިރާންކުރުވަނިވި އެތައް ކަމެއް އަންނަނީ ހާމަވަމުންނެވެ.