މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް

އަބްދުއްރަހީމަށް "ހެޔޮއެދޭ އެކުވެރިން ފަރާތުން" އަހަރެއް ތެރޭ ހަދިޔާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ

ނާއިފް ހަލީމް
 
3 ދުވަސް ކުރިން

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން ފަހުން ފާއިތުވި އެއް އަހަރު ދުވަސް ތެރޭގައި އަބްދުއްރަހީމް އަބްދުﷲއަށް ހެޔޮ އެދޭ ފަރާތްތަކުން 'ހަދިޔާ'ގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ދިންކަން ހާމަވެއްޖެއެވެ.

މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ވަނީ ހާމަކޮށްފައެވެ. އެއީ، މޭ 28، 2024 އިން ފެށިގެން މި އަހަރުގެ މޭ 27 އަށްވާ އެއް އަހަރު ދުވަހުގެ މާލީ ބަޔާނެވެ.

އަބްދުއްރަހީމްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެ މަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން އެކިއެކި ކަންކަމަށް 958،982.48 ރުފިޔާ ވަނީ ދީފައެވެ. އެއީ، 12 މަސް ދުވަހަށް ބަހާލުމުން މަހެއްގެ މައްޗަށް 79،900 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

އެއީ، ދަތުރުފަތުރުކުރުމަށާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކަން ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އެ މަނިކުފާނަށް މުސާރައާއި އިނާޔަތުގެ ގޮޮތުގައި އަހަރެއްގެ ތެރޭ ލިބިވަޑައިގަތީ 658،894.95 ރުފިޔާއެވެ. އެއީ، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 59،400 އެއްހާ ރުފިޔާއެވެ.

އެ މަނިކުފާނަށް މުސާރައާއި އިނާޔާތާއި 'ހަދިޔާ' ފިޔަވާ އިތުރު އެއްވެސް އެއްޗެއް ލިބިވަޑައިނުގަންނަވާ ކަމަށް މާލީ ބަޔާނުގައިވެއެވެ. އަދި، އެ މަނިކުފާނުގެ ނަންފުޅުގައި ހައްދަވާފައިވަނީ އެންމެ އެކައުންޓެކެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައިވާ އެ އެކައުންޓުގައި ޖުލައި ދެވަނަ ދުވަހާ ހަމައަށް 101،698.21 ރުފިޔާ ހުއްޓެވެ.