ނޫސްވެރިންއުލުބައިދަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލި މައްސަލަ ތަހުގީގުކުރަން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާ ވާހަކަތަކަކީ އިމްތިޔާޒު ލިބިގެންވާ ކަމެކެވެ. އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.
އަދި އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހެންކަމުން، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން ފުލުހުންގެ ކިބައިން އެދިފައެވެ.