ވޭޕާ ގުޅުން ހުރި ކަންކަމުގައި މިދިޔަ ހަފުތާގައި 220،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް ހާދިސާއަކާއި އެ ތަކެތި ގެންގުޅުމުގެ 15 މައްސަލައަކާއި އެ ވިއްކުމާއި ގަތުމުގެ ދެ މައްސަލަ އަދި އެކަމާ ގުޅުން ހުރި ތިން މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ ގެނައި ބަދަލާއެކު، މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން އެ ތަކެތި ބޭނުންކުރުމާއި އެތެރެކުރުން އަދި ވިއްކުން ވަނީ މަނާވެފަ އެވެ. އެއާ ހިލާފުވެގެން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން މީހުން ޖޫރިމަނާކޮށްފަ އެވެ.
މިދިޔަ މަހު އެކަނި ވެސް ފުލުހުން ވަނީ 226،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
ކަސްޓަމްސް އިން މި ފަހުން ވަނީ، އެ އިދާރާއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކުރަން ފަށައިފަ އެވެ. އެ ލިސްޓުގައި ވެސް އެންމެ ގިނައިން ހިމެނެނީ ދުންފަތާއި ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާތަކެވެ.