ރާއްޖޭގައި ސައިބަރ ކްރައިމްގެ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 165 ސްކޭމް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން މިރޭ ވަނީ ހާމަކޮށްފައެވެ.
މި މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް 1.3 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާއިރު، އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ 400،000 ރުފިޔާއެވެ.
އެންމެ ގިނައީ އީ-ކޮމާސް ސްކޭމްތައް
ފުލުހުން ހާމަކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ހުށަހެޅުނު ސްކޭމް މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގެ 86 ސްކޭމްގެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ކަރަންސީ އެކްސްޗޭންޖު ސްކޭމްގެ 25 މައްސަލަ، އިންޕާސަނޭޝަން ސްކޭމްގެ 17 މައްސަލަ، އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 15 މައްސަލަ ހިމެނެއެވެ. އެހެނިހެން 22 ސްކޭމްގެ މައްސަލަވެސް ހުށަހަޅާފައިވެއެވެ.
ގެއްލުނު 1.3 މިލިއަން ރުފިޔާގެ ތެރެއިން 400،000 ރުފިޔާ އަނބުރާ ހޯދިފައިވާއިރު، މިދިޔަ މަހު ހުށަހެޅުނު 165 މައްސަލައިގެ ތެރެއިން 84 މައްސަލައެއްގައި ފައިސާ ހޯދުމުގެ މަސައްކަތް ކާމިޔާބުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، ގެއްލުނު ފައިސާގެ ބޮޑު ބައެއް އަދިވެސް ހޯދިފައިނުވާކަން ފާހަގަކުރެވެއެވެ.
ސްކޭމްތަކަށް ބޭނުންކުރި ވަސީލަތްތައް
މި ސްކޭމްތައް ހިންގުމަށް ސްކޭމަރުން ވަނީ ތަފާތު ގިނަ ވަސީލަތްތަކެއް ބޭނުންކޮށްފައެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، މީގެ ތެރޭގައި ފޯން ކޯލް، އައިބޭ (eBay)، އޮންލައިން މެސެޖިންގ ޕްލެޓްފޯމްތައް، ފިޝިން ލިންކްތައް އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ ވަސީލަތްތައް ހިމެނެއެވެ.
ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަވެ، ގެއްލުން ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ކަންކަމަށް ސަމާލުވުމަށް މެދުކެނޑުމެއްނެތި ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ އާންމުންނަށް އިލްތިމާސްކުރަމުންނެވެ. އޮންލައިން މުޢާމަލާތްތައް ކުރުމުގައި ސަމާލުވުމަށާއި، ނޭނގޭ ފަރާތްތަކަށް މާލީ މައުލޫމާތު ނުދިނުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.