ޝިފާން އާއި ގުޅޭ ބަދުއަހްލާގީ މައްސަލަތަކެއް މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިފި

އާއިޝަތު އަނާ ރަޝީދު
 
1 ދުވަސް ކުރިން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާނާ ގުޅޭގޮތުން ބަދުއަޚުލާގީ އަމަލުތަކާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހުށަހެޅިއްޖެއެވެ.

މި މައްސަލަތައް ހުށަހަޅާފައިވަނީ ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީގެ 11 އޮފިސަރުންގެ ފަރާތުންނެވެ. އެމީހުން ވަނީ ވިސުލްބްލޯވަރުންގެ ގޮތުގައި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް ސިޓީއެއް ފޮނުވައިފައެވެ. މި ސިޓީގައި ވަނީ ޝިފާނުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ ފަރާތުން ފެންނަ މައްސަލަތަކެއް ވެސް ފާހަގަކޮށްފައެވެ.

ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭސީޕީ ޝިފާނުގެ މައްޗަށް ދެ ބާވަތެއްގެ ކުށުގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން އެއް ތުހުމަތަކީ ބަދުއަޚުލާގީ އަމަލުތަކެވެ. މިގޮތުން، ޝިފާނުގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު އެފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެއެވެ. މީގެ އިތުރުން، އެހެނިހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުންހުރި އެފަދަ މައްސަލަތައް ވެސް ހުރިކަމަށް ސިޓީގައި ބުނެފައިވެއެވެ.

މި ތުހުމަތުތަކުގެ ތެރޭގައި ރުހުމުގައި ހިންގާފައިވާ ބަދުއަޚުލާގީ އަމަލުތަކާއި، ގަދަކަމުން ހިންގާފައިވާ ބަދުއަޚުލާގީ މައްސަލަތަކުގެ އިތުރުން، ފުލުހުންގެ އަންހެން ސިވިލް އޮފިސަރަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ހިމެނެއެވެ. މި ފުރައްސާރައިގެ މައްސަލަ މިދިޔަ އޮކްޓޫބަރު މަހުގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސުލޫކީ މިންގަނޑުތަކާ ޚިލާފު އެހެން މައްސަލަތައް ވެސް ޝިފާން ހިންގާފައިވާ ކަމަށް މި ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުށެއް ނުކުރާ މުވައްޒަފަކު ކުށުގައި ބައިވެރިކުރިކަމަށް ދައްކުވައި ފްރޭމްކުރުން ހިމެނެއެވެ. މީގެ އިތުރުން، އޭސީޕީ ޝިފާނާ ގުޅުންހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. މިސާލަކަށް، ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ބުނެ އަންހެން މުވައްޒަފަކު ހުށަހެޅި މައްސަލައިގައި، ޝިފާނުގެ ނުފޫޒުގެ ސަބަބުން އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅި މައްސަލަ ނިމިފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސިޓީގައި ތުހުމަތުކުރާ ގޮތުގައި، ޝިފާން ފުލުހުންގެ މުވައްޒަފަކަށް ފުރައްސާރަކުރުމުގެ މައްސަލަ އޮއްބާލުމުގައި އޭރުގެ ފުލުސް ކޮމިޝަނަރު އަދި ޕީއެސްސީގައި އޭރު މަސައްކަތްކުރެއްވި މިހާރުގެ ޗީފް އެސްޕީ ނާފިޒު ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރުގެ ޖޫން މަހު ޝިފާން މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރެއްގައި، ސ. ހިތަދޫއަށް ނިސްބަތްވާ ފުލުސް އޮފިސަރެއްގެ އޭރުގެ އަނބިމީހާއާ އެކު އެއް ކޮޓަރިއެއްގައި ހުރިކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި، އެ ދަތުރުގައި އަންހެންމީހާގެ ބައެއް ޚަރަދުތައް ބަލަހައްޓާފައިވަނީ ޕޮލިސް ބަޖެޓުން ނެގި ފައިސާއިންކަން އެނގުމުން، އެ ދަތުރަށް ގެންދިޔަ ފައިސާގެ ތެރެއިން 402,000 ޑޮލަރު ޕޮލިސް ފައިނޭންސަށް ދެއްކުމަށް ޝިފާނަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އެ މައްސަލަ ވެސް ޝިފާނުގެ ނުފޫޒުގެ ދަށުން ހިންދާލާފައިވާ ކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

އަދި، ފުލުހުންގެ އޮފީހުގައި ޑެޕިއުޓީ ކޮމިޝަނަރަށް ޚާއްސަކޮށްފައިވާ ކޮޓަރީގައި ދެ އަންހެން މުވައްޒަފަކާއެކު ޝިފާން ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ވާހަކަ ވެސް މި ސިޓީގައި ހިމަނާފައިވެއެވެ.