ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
މި ބޯޓަކީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ލަންކާގެ މަސްބޯޓެކެވެ. އެމްއެންޑީއެފުން މިރޭ ބުނި ގޮތުގައި، މި ބޯޓާއި އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، ބޯޓުގައި ތިބި ފަސް މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
އެމްއެންޑީއެފުން މި ބޯޓު ހޯދާފައި ވަނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެންނެވެ. މިކަމާ ގުޅިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން މި ބޯޓު ފެނިފައިވެ އެވެ. އޭގެ ފަހުން ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން އޭރު ބުންޏެވެ.
މި މައްސަލައާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް، ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އަދި އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އެމްއެންޑީއެފުން އެ ބޯޓު ހޯދާފައި ވަނީ ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.
މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ވެސް ރާއްޖެ އަންނަން ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ. ނަމަވެސް، މިހާތަނަށް ރަސްމީ އިދާރާއަކުން ބޯޓުގައި ތިބި މީހުންގެ ވަނަވަރާއި ފެނުނު މަސްތުވާތަކެތީގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.