މެކްސިކޯގެ ޑްރަގް ކާޓެލްގެ ލީޑަރު "އެލް މެންޗޯ"

މެކްސިކޯގެ ނުރައްކާތެރި ޑްރަގް ކާޓެލްގެ ލީޑަރު "އެލް މެންޗޯ" މަރާލުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުން

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

މެކްސިކޯގެ އެންމެ ނުފޫޒުގަދަ އެއް ޑްރަގް ކާޓެލް ކަމަށްވާ ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް (ސީ.ޖޭ.އެން.ޖީ) ގެ ލީޑަރު ނެމެސިއޯ ރޫބެން އޮސެގުއޭރާ ސަރވަންޓެސް، ނުވަތަ އާންމު ނަމުން ނަމަ "އެލް މެންޗޯ" މެކްސިކޯގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަރާލައިފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މެކްސިކޯގެ ޖަލިސްކޯ ސްޓޭޓްގެ ތަޕަލްޕާ ސަރަހައްދުގައެވެ. ރިޕޯޓްތައް ބުނާގޮތުން އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި އޭނާ ޒަހަމްވީ އެ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައެވެ. އޭނާ މަރުވެފައިވަނީ އިތުރު ފަރުވާއަށް މެކްސިކޯ ސިޓީއަށް ގެންދިއުމުގެ މަގުމަތީގައެވެ.

އެލް މެންޗޯ މަރުވި ހަބަރު ފެތުރުމާއެކު، ޖަލިސްކޯ އާއި އެގައުމުގެ އެހެން ބައެއް ސްޓޭޓްތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ފެށިފައެވެ. ކާޓެލްގެ މެންބަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، ގައުމުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މެކްސިކޯގެ ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބުރޫއަރާފައެވެ. އުތުރު އެމެރިކާގެ މި ގައުމުގެ އެކި ސަރަހައްދުތަކުގައި ފްލައިޓް އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެލް މެންޗޯ އަކީ އެެމެރިކާއިން އެންމެ ބޮޑަށް ހޯދަމުންދިޔަ އެއް ކުށްވެރިޔާއެވެ. އޭނާގެ މަރަކީ މެކްސިކޯގެ ޑްރަގް ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވުނު ނަމަވެސް، މިކަމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.