ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނިކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި ސްރީ ލަންކާގެ މަސްބޯޓެއް ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) އިން ޑްރޯންގެ އެހީގައި އިއްޔެ ވަނީ ހިފަހައްޓާފަ އެވެ.
މިކަން ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި މައްސަލަ ދިވެހި ފުލުހުން ވެސް މިރޭ އަށް ކަށަވަރުކޮށްދީފައިވާއިރު، އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެމްއެންޑީއެފުން އިއްޔެ ދިން ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޭރުގެ އުޅަނދެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭކަން ފާހަގަވުމާ ގުޅިގެން، ސިފައިންގެ ވައިގެ ހިދުމަތް ދޭ އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ބަލަހައްޓާ އޮޕަރޭޝަނެއްގެ ތެރެއިން މި ބޯޓު ފެނުނެވެ. އަދި ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) އިން އެ ބޯޓު ހުއްޓުވައި، ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، އެ އުޅަނދާ ބެހޭ އިތުރު މައުލޫމާތެއް ސިފައިން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، ލަންކާގެ ނޫހެއްގެ ރިޕޯޓުތައް ބުނާ ގޮތުގައި، މި އޮޕަރޭޝަނުގައި ދިވެހި ސިފައިން ހިފެހެއްޓީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ފަދަ މަސްތުވާތަކެތި ހުރި ބޯޓެކެވެ. އެ ބޯޓުގައި ތިބި ސްރީ ލަންކާގެ ހަ މަސްވެރިން ވެސް މިހާރު ތިބީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، މި ބޯޓު ހޯދާފައިވަނީ ލަންކާގެ ކަނޑުގެ ސިފައިން ދިން މައުލޫމާތަކަށް ފަހު ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ސްރީ ލަންކާގެ ޓީމެއް ރާއްޖެއަށް އައުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.