ރައްޔިތުންގެ މަޖިލީހުން މިއަދު ޓްރޭޑްމާކް ބިލް ފާސްކުރުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މި ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
މަޖިލީހުން މިއަދު ފާސްކުރި 'ޓްރޭޑްމާކްގެ' ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވުން ހިމެނެއެވެ. އަދި މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވެއެވެ.
މިނިސްޓަރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، މި ޤާނޫނުގެ ސަބަބުން ދިވެހި އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ރައްކާތެރިކުރެވޭނެ ފުރަތަމަ ފަހަރު މިއީކަމަށް ވާއިރު، ފިކުރީ މުދަލުގެ ހައްޤުތައް ހިމާޔަތްކުރުން މިވަނީ ވަރުގަދަވެފައެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓްރޭޑްމާކްގެ ޤާނޫނުގެ ދަށުން، އެ ހައްޤުގެ ވެރިފަރާތްތަކުން އުފައްދާ މުދަލުގައި ނުވަތަ ފޯރުކޮށްދޭ ޚިދުމަތުގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ ޚާއްޞަ (އެކްސްކްލޫސިވް) ހައްޤު ކަށަވަރުކޮށްދެވޭނެއެވެ. މީގެ ސަބަބުން އުފެއްދުންތަކުގެ ސައްހަކަން ދެނެގަތުން ފަސޭހަވެ، ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް ބޭނުންކޮށްގެން މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އޮޅުވާލުން ހުއްޓުވޭނެއެވެ. އަދި، ފޭކު ނަކަލުތައް އުފެއްދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް ވާޞިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްޤު ލިބޭނީ ޤާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދެވޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އަނެއްކާވެސް 10 އަހަރަށް އާކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.
މީގެ އިތުރުން، ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް މި ބިލުގެ ދަށުން ކޯޓަށް ލިބިގެންވެއެވެ.