ދިވެހިރާއްޖޭގެ ކޮންމެ ވަޒީފާއެއްގައި ހުރި ކޮންމެ ރައްޔިތަކަށް އޭނާގެ ވަޒީފާގެ ފުރިހަމަ ޔަޤީންކަން ކަށަވަރުވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތުން ފެށިގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، 17 ނޮވެންބަރު 2023 ގެ ފަސް ގަޑި ހަ މިނެޓުން ފެށިގެން ދިވެހި ރައްޔިތުންނަށް ވަޒީފާގެ ބިރުވެރިކަން ނެތިގޮސްފައިވާ ކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މި މަޤްޞަދުގައި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ހޯދައި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، 2018 އިން 2023 އާ ދެމެދު އިންތިޚާބުތަކާ ދިމާކޮށް ވަޒީފާގެ ބޮޑު ބިރުވެރިކަމެއް އޮތް ކަމަށެވެ. ވަކިން ހާއްސަކޮށް 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި އޭރުގެ އިދިކޮޅު ޕާޓީގެ ކެނޑިޑޭޓުންނަށް ކުރިމަތިވި ބިރުދެއްކުންތަކުގެ ސަބަބުން ބައެއް ބޭފުޅުން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީން 69 ގޮނޑި ކާމިޔާބުކުރިއިރު، އެއްވެސް ރައްޔިތަކު ވަޒީފާގެ ބިރުވެރިކަމެއް އޮތް ކަމުގެ ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާޙައުލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޙަޤީޤަތުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބޭނުންފުޅަކީ، ވަޒީފާގެ ރައްކާތެރިކަން ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުވުން،" ޝުޖާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ މާޙައުލު ބައްޓަންކުރުން ކަމަށެވެ.