އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު | ފޮޓޯ: މަޖްލިސް

ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުނޑާލީ އެމްޑީޕީގެ ވެރިކަމުގައި: މެމްބަރު ފަލާހު

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑާލީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ 2022 އަދި 2023 ވަނަ އަހަރު ކުދި ވިޔަފާރިވެރިން އެމީހުން ކުރި މަސައްކަތުގެ އުޖޫރައާއި ލިބެންޖެހޭ ފައިސާ ނުލިބިގެން ފެނަކަ އާއި އާރުޑީސީ ކުރިމަތީގައި ބޯޑުތައް ހިފައިގެން މުޒާހަރާ ކުރަމުންދިޔަ މަންޒަރު ކޮންމެ ދުވަހަކު ފެނިގެންދިޔަ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ބަދަލުވިއިރު، އެކިއެކި މަސައްކަތްތައް ކުރުވާފައި ފައިސާ ނުދީ ހުރުމުގެ ސަބަބުން ކުދި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަލައިލިއިރުގައި ފެނަކަ އިން އެކަނިވެސް ހަތަރު ބިލިއަން ރުފިޔާ ކުދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ނުދީ އެބައޮތް. ކުދި މެދު ފަންތީގެ ވިޔަފާރިވެރިން ފުނޑާލީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެ،" ފަލާހު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި ހިންގި ބައެއް މަޝްރޫއުތަކަށް ކަންމަތީ ފިހާރަތަކުން ނަގާފައިވާ ތަކެއްޗަށް ފައިސާ ނުދީ ހުރުމާއި، ބައެއް ހިސާބުތައް ނުފެންނާތީ އަދިވެސް ފައިސާ އަދާނުކުރެވި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އޭނާގެ ދާއިރާގެ ރަށްރަށުން އެތައް ބައެއްގެ ވަޒީފާ ގެއްލުވާލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ސިޔާސީ ބޭނުމަކަށް އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައީ ދައުލަތަށާއި ސަރުކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށެވެ. އަދި މިހާރު އެމްޑީޕީގެ މެމްބަރުން ދައްކަވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.