އެސްއެމްއީ ހަބް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާފީ ކަންޑާލަނީ

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން، ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހެދުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކުދި ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ގޮންޖެހުންތައް ކުޑަކޮށްދިނުމެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުގައިވާ ގޮތުން، ވަކި ކަހަލަ ވިޔަފާރިތަކަކުން ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. މިގޮތަށް އިސްތިސްނާ ކުރާނެ ފަރާތްތައް ނިންމުމުގައި ބަލާނެ ހާއްސަ މިންގަނޑުތަކެއް ވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.

މި ބަދަލުތަކުގެ ތެރޭގައި އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް އުފެއްދުމާއި، ގައުމީ އިގުތިސާދުގައި އެފަދަ ވިޔަފާރިތަކުގެ ހިއްސާ މިހާރަށްވުރެ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން، ދާއިމީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ބޮޑެތި ކުންފުނިތަކާއި ކުދި ވިޔަފާރިތަކުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ވެސް މި އިސްލާހުގައި ބޮޑު އިސްކަމެއް ދީފައިވެއެވެ.

އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި، އާ އީޖާދުތަކާއި ހިދުމަތްތައް ތައާރަފްކުރުމަށް ހިތްވަރުދީ، ކުދި ވިޔަފާރިތަކުގެ ފެންވަރު މަތިކުރުމަކީ ވެސް މި އިސްލާހުގެ މުހިންމު މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަދަލާއެކު ކުދި ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.