އަދުރޭ ތިން ރައީސުންނަށް: ތީ އަމިއްލަ އެދުމުގެ އިންތިހާ

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ނިންމައި ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި، މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން ބޭއްވެވި ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިކަމަށް ފާޑުވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަބްދުއްރަހީމް ވިދާޅުވީ، މީގެ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ބޮޑެތި ތުހުމަތުތަކާއި ހިންގާފައިވާ ކަންކަން މިހާރު އެ ބޭފުޅުންނަށް "އޯކޭ" ވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުން ފަދަ އިގްތިސާދީ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ.


މީގެ އިތުރުން، ޝަރުއީ ދާއިރާއަށް އަތްބާނައި ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުން ފަދަ ކަންކަމަކީ ވެސް އެ ބޭފުޅުން ކުރިން އެކަކު އަނެކަކާ ދެކޮޅަށް ދެއްކެވި ވާހަކަތައް ކަމަށް އަބްދުއްރަހީމް ހަނދާންކޮށްދެއްވިއެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، ވެންޓިލޭޓަރުގެ ވައްކަމާއި، ކަނޑު ވިއްކާލުމުގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ވެސް މިހާރު އެ ތިން ރައީސުންނަށް މައްސަލައަކަށް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://x.com/Banafsaa/status/2055357528968733024?s=20

"މިހިރަ ހުރިހައި ކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް. ކުރިން ކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،" އަބްދުއްރަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މި ތިން ރައީސުން ރޭ ބައްދަލުކުރައްވާފައިވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ހަމައެކަނި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ކުރާ މަސައްކަތެކެވެ.