އެމްއެންޑީއެފްގެ ރެސްކިއު ޓީމުގައި މަސައްކަތް ކުރަމުންދިޔަ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޭވް ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި މަހުދީ ނިޔާވި ޚަބަރު އެހީ ވަރަށް ބޮޑު އަސަރަކާއެކު ކަމަށެވެ. އަދި މި ދަނޑިވަޅުގައި މަހުދީގެ އާއިލާއަށާއި ރަހުމަތްތެރިންނަށް އަދި ސިފައިންގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ސަލާމަތީ މިންގަނޑުތަކާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. "މިއީ ކަމާބެހޭ ފަރާތްތަކަށް ލިބުނު އިންޒާރެއް. ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ސަލާމަތީ މިންގަނޑުތައް އަލުން މުރާޖައާ ކުރަން ޖެހޭ،" މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ ތާރީޚީ ގޮތުން ސަލާމަތީ ކަންކަމުގައި ވަރުގަދަ ނަމެއް ހޯދާފައިވާ ގައުމަކަށް ވާއިރު، އެ އަބުރު ދެމެހެއްޓުމަކީ އެންމެންގެ މަސްލަހަތު ހިމެނޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހާދިސާގެ ތަހުގީގެއް ކުރިއަށްދާއިރު، މިކަމުގައި އިތުރު ސުވާލުތަކެއް އުފެދިފައިވާތީ އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް މީކާއިލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.