ދައުލަތަށް ބޭނުންވާ ފައިސާ ހޯދަމުންދާ ކަމަށާއި ރައްޔިތުން ދިރިއުޅެނީ އަރާމުގައި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ސިނގިރެޓުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ 2024 ވަނަ އަރު ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރީ، ވޭޕް މަނާ ކުރުމުން ވޭޕް ބޭނުންކުރަމުން ދިޔަ މީހުން ސިނގިރޭޓަށް ހިޖުރަކޮށް ސިގިރޭޓް ބޯން ފަށާފައިނެތީ ކަމަށެވެ.
ނަމަވެސް މިދިޔަ ދުވަސްތަކުގައި ހެދި ދިރާސާތަކުން ދައްކަނީ، ވޭޕް މަނާކުރި ނަމަވެސް ވޭޕް ބޭނުންކުރަމުން އައި މީހުން ސިނގިރޭޓަށް ހިޖުރަ ނުކުރާ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ސިނގިރޭޓްގެ އަގަށް ގެންނަ ބަދަލަކީ ދައުލަތަށް ފައިސާ ހޯދަން ކުރާ ކަމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ދައުލަތަށް ބޭނުންވާ ފައިސާ ހޯދާތީ ނޫންތޯ ރައްޔިތުން މިތިބީ ކައިގެން ބޮއިގެން. އަރާމުގައި ދިރިއުޅެނީ. މިބޭފުޅުން (އެމްޑީޕީ) ނަގާފައި ހުރި ހުރިހާ ލޯނުތަކެއް ދައްކައިފި،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ 2023 ގައި އެމްޑީޕީން ވެރިކަމާ ހަވާލުވި ނަމަ ރައްޔިތުން ތިބޭނީ ނުކައި ނުބޮއި ކަމަށާއި އެގޮތުން އެމްޑީޕީއަށް ލޯނެއް ދައްކާނެ ގޮތެއް އަދި އިގްތިސާދު ހަމަޔަކަށް އަޅުވާނެ ގޮތެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް ބޮޑު ބަދަލެއް ވެސް ނުގެނޭވެނެ ކަމަށާއި އެ ޕާޓީއަށް ދެން ވެރިކަމަށް ވެސް ނާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.