ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ މިރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބަކީ ޕާޓީގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ނިންމުމަށް އާންމު މެންބަރުން ފުންކޮށް ވިސްނާނެ އިންތިޚާބެއް ކަމަށް ވިދާޅުވެއްޖެއެވެ. އިމްތިޔާޒު ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބަކީ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެންދާނެ މުހިންމު ނިންމުމެކެވެ.
އިމްތިޔާޒު ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބުގައި ވާދަކުރައްވާ މައިގަނޑު ސަބަބަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑު އިޞްލާޙީ ބަދަލެއް ގެނައުމުގެ ތަޞައްވުރެއް އޮތުމުން ކަމަށެވެ. މިގޮތުން ރައީސް ނަޝީދާއި ފައްޔާޒު އިސްމާޢީލް ގުޅިގެން، އާ ޤާނޫނުއަސާސީގެ ދަށުން މިހާތަނަށް ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ރައްޔިތުންނަށް ފާހަގަވާ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ހުށަހެޅުންތަކެއް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު މި ޤާނޫނުއަސާސީގައި ހުރި ކަންތައްތައް، އޭރު ރައްޔިތުންގެ މަޖިލީހުން އެކުލަވައިލިއިރު ބޭނުންވި ގޮތް ނޫން ގޮތްތަކަކަށް ވެރިކަން ކުރާން އަންނަ ބައެއްގެ ސަބަބުން ބަދަލުވަމުންދާކަން ފަންނީ މާހިރުންނާއި އާންމު ރައްޔިތުންވެސް އެބަ ފާހަގަކުރޭ،" އިމްތިޔާޒު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޤާނޫނުއަސާސީގެ ޛަރީޢާއިން ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާ ކަމަށެވެ.
މި ބަދަލުތަކަކީ ހަމައެކަނި ނިންމުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ބޮޑު ޝާމިލުވުމަކާއެކު މުޅި ޤައުމީ ފެންވަރުގައި ބަހުސް ކުރެވިގެން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށް އިމްތިޔާޒު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް މި ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒުގެ ވާހަކަ ނިންމަވާލެއްވީ، ރައީސް ނަޝީދު ޕާޓީގެ ޗެއާޕާސަން ކަމަށް އަލުން ވަޑައިގަންނަވަނީ މުޅި ދައުލަތް ހިންގުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ވިސްނުންފުޅާ އެކުގައި ކަމަށް ވިދާޅުވަމުންނެވެ.