އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވަނީ އެ ޕާޓީގެ ކުރީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ. މިރޭ ބޭއްވި މީކާއިލް ނަސީމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ވަކި މީހަކު ޕާޓީގައި ނެތުމުން ވެރިކަން ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
ޕާޓީގެ ކުރީގެ މަޖިލިސް މެންބަރަކު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ، ރައީސް ނަޝީދު ނެތުމުން ވެރިކަން ނުލިބޭ ކަމަށް ބުނާއިރު، އެމަނިކުފާނު ލައިގެން ވެސް ވެރިކަން ލިބުނު ކަމަށެވެ. "ރައީސް ނަޝީދު ނެތީމަ ނޫންހެން އޭނަ ވިދާޅުވަނީ ނުލިބުނީ. އެހެންވީމާ، އޭނަ ލައިގެން ނޫންހެން ލިބޭނީ. އޭނަ ލައިގެން ލިބިއްޖެ ނޫންތޯ،" މޫސަ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ތިމާމެން އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ވާހަކަ ސަރުކާރާ ބެހޭ ގޮތުން ދެއްކުމުގެ ބަދަލުގައި ހަގީގަތަށް ބަލަންޖެހޭ ކަމަށެވެ.
މޫސަގެ ވާހަކަފުޅުގައި އެމްޑީޕީގެ މާޒީގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، މީގެ ބާރަ އަހަރު ކުރިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވުމުން އޭނާއަށް ބޮޑެތި ގޮންޖެހުންތަކާއި ފުރައްސާރައާ ކުރިމަތިވި ކަމަށެވެ. އަދި ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ގޯގޯ ލަތީފާއި، އިބްރާހީމް އިސްމާޢީލާއި، ޑރ. މުނައްވަރު ފަދަ ބޭފުޅުންނަށް ވެސް ޕާޓީގެ ތެރެއިން އެކި ކަހަލަ ދަތިތަކާ ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ، ސިޔާސީ މީހަކަށްވާއިރު ވަކި މީހެއްގެ ފޮޓޯ ހިފައިގެން ހިނގުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީ ބަދަލުކުރުމަކީ މިހާރު އާންމު ކަމެއް ކަމަށާއި، މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ބަޔަކު މިއަދު އެކަމުގެ ޒިންމާއިން ރެކެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަށް މިވަގުތު ބޭނުންވަނީ ޒުވާން ލޭގައި ޕާޓީއަށްޓަކައި ތެދުވެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާނެ ލީޑަރެއް ކަމަށެވެ. އެގޮތުން މީކާއިލް ނަސީމަކީ ޗެއަރޕާސަން ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ވިދާޅުވެ، އޭނާއަށް ތާއީދުކުރެއްވުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.