މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހިރާއްޖެ އޮތީ އިޤްތިޞާދީ ގޮތުން ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ސަރުކާރު ބަދަލުވީއިރު ޤައުމުގެ ޙަޤީޤީ ޙާލަތަކީ ބަނގުރޫޓުވެފައި އޮތުން ކަމަށެވެ. "ޙަޤީޤަތެއް މިއީ ރާއްޖެ ބަނގުރޫޓުވެފައި އޮތީ. އަޅުގަނޑުމެންނަށް ސަރުކާރު އައިއިރުގައި ބަނގުރޫޓުވުމަށް އަދުތޯ، މާދަންތޯ މިހެން އޮތް ހާލަތެއްގައި އައީ،" މިނިސްޓަރ ވިދާޅުވިއެވެ.
އިޤްތިޞާދީ ޙާލަތު ގޯސްވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމާއި ދަރަނީގެ ކަންތައްތައް ނުރައްކާތެރި މިންވަރަކަށް ގޮސްފައި އޮތުމެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ރުފިޔާގެ އަގު ނިކަމެތިވެގެންދިޔަ އެއް ސަބަބަކީ 8000 މިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރުން ކަމަށެވެ.
މީގެ އިތުރުން، ފައިސާ ޗާޕުކުރިއިރު ޤާނޫނަށް ބަދަލުތަކެއް ގެނެސް، އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތި އެކަން ކުރަމުންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ގާނޫނު ތަޅުއެޅުވީމާ އެއަށް ވާންޖެހޭ ޒިންމާ ވެސް ނުވެވޭ ގޮތަށް އެތައް ލުއިތަކެއް ދީގެން، އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތި އެއްވެސް ބިރެއްނެތި އެކަން ކުރަމުން ދިޔައީ،" ސައީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވޯލްޑް ބޭންކުންވެސް އެކަން އެގޮތަށް ނުކުރުމަށް އޭރު އިންޒާރު ދެމުންދިޔަކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ނަމަވެސް، މިހާރު އެ ނުރައްކާތެރި ޙާލަތުން އަރައިގަނެވިފައިވާ ކަމަށާއި، ޤައުމުގެ އިޤްތިޞާދާ މެދު އޮތް އިތުބާރު އަލުން ޤާއިމުކުރެވެމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އިޤްތިޞާދު ހަމަމަގަށް އަޅުވައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ހޯދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ފައިނޭންޝަލް މާކެޓާއި ފައިނޭންޝަލް ރޭޓިންގްސްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރ ވަނީ އިޤްތިޞާދީ ދާއިރާއިން މެންބަރުން ކުރެއްވި އެކި ސުވާލުތަކަށް ތަފްޞީލީ ޖަވާބު ދެއްވާފައެވެ.