ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހިއްސާކުރައްވައިފިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ކުރަމުންދާ މަސައްކަތްތަކަކީ ސްޓްރެޓެޖިކް މަސައްކަތްތަކެއް ކަމަށާއި، އެކަންކަން ހާސިލުކުރުމަށް ވަކި ޓައިމްލައިނެއް ކަނޑައެޅިފައި ނެތް ކަމަށެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މަގްސަދަކީ ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުން ކަމަށެވެ. އެގޮތުން، އެކަންކަން ހާސިލުވަންދެން ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. "މިކަން ހާސިލުކުރުމަށްޓަކައި ހާސިލުކުރެވެންދެން އަޅުގަނޑުމެން މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، މާލޭގައި ކުރިއަށްގެންދާ މަގުމަތީ ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނުގެ އަމާޒަކީ ދޫނުދީ މަސައްކަތްކޮށް، އެމަނިކުފާނު ދައްކަވާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޑުއެއްސެވުމެވެ.
މުއައްސަސާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވަކި ޓައިމްލައިނެއް ކަނޑައެޅިގެން ދަންނަވަން ނޭނގުނު ނަމަވެސް، އެމަނިކުފާނުގެ މަޝްރޫއުތަކާއި ރިޕޯޓު ކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.