އެމްޑީޕީއިން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

މަޖީދީ މަގުގައި މުޒާހަރާ ކުރަން ހުއްދައެއް ނުދެވޭނެ: މިނިސްޓަރ އިހުސާން

މުހައްމަދު ހަމީޒް
 
21 ގަޑިއިރު ކުރިން

މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

”ދަތިވެއްޖެ“ގެ ނަމުގައި މާލޭގައި އެމްޑީޕީގެ މުޒާހަރާ ފަށަން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ އެވެ. އެ ޕާޓީން މަސައްކަތްކުރަމުންދަނީ ރަސްފަންނުން ފަށައި މަޖީދީމަގުން ގޮސް، އާޓިޝަލް ބީޗާ ހަމަށް އެ މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް މިއަދު މަޖިލިސް ތަޅުމުގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގެ ތެރެއިން މިނިސްޓަރު އިހްސާން ވިދާޅުވީ މަޖީދީ މަގުގައި ސިޔާސީ ހަރަކާތެއް ހިންގުމަށް ބަޔަކު އެދުމުން، އެކަން ކުރަން ރާވާފައި އޮންނަ ދުވަހާއި ވަގުތަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން އެ ހަރަކާތެއް ބާއްވާ ވަގުތަކީ މަޖީދީ މަގު ބަންދުވުމުން، މާލޭގެ އެހެން ސަރަހައްދުތަކަށް އެހާ ބާރު ބޮޑުނުވާ ވަގުތެއްގައި ނަމަ، އެކަމަކަށް ހުއްދަ ދޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މުޒާހަރާ ކުރަން ރާވާފައި އޮތް ވަގުތަކީ، މަޖީދީ މަގުގައި ވެސް އެންމެ ކާރުބާރު ބޮޑު ކަމަށްވާތީ، އެ ގަޑީގައި މަޖީދީ މަގުން މުޒާހަރާ ކުރަން ހުއްދަ ދެވެން ނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”މިހާރު އެމްޑީޕީން އެދިވަޑައިގެންފައިވާ ވަގުތަކީ ރޭގަނޑުގެ ވަގުތަކަށްވާތީވެ އެއީ އަޅުގަނޑުމެންނަށް އާންމު ގޮތެއްގައި ކާރޫބާރޫ ވަރަށް ބޮޑުކޮށް އޮންނަ ވަގުތަކަށްވާތީ އެ ގަޑީގައި އެތަނަށް ހުއްދަ ނުދެވެނީ،“ އިހުސާން ވިދާޅުވި އެވެ.

އެމްޑީޕީން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މިހާރު މި އޮތް ސަރުކާރު ބަދަލު ކުރުމުގެ ހާލަތު ކުރިމަތިވެފައިވާ ކަމަށެވެ.

މި ސަރުކާރު ބަދަލުކުރުމަށް އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރަންޖެހޭ ކަމަށާއި އެހެންވެ 13 ވަނަ ދުވަހަކީ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން މުޒާހަރާއަށް ނިކުންނަ ދުވަސްކަން ޝިފާޒް އިއުލާނު ކުރެއްވި އެވެ.