އިންޑިއާގެ 'ކޮކްރޯޗް ޕާޓީ' އިން ބޭއްވި މުޒާހަރާގެ ތެރެއިން

އިންޑިއާގެ މަޝްހޫރު 'ކޮކްރޯޗް ޕާޓީ' އިން އަނެއްކާވެސް މުޒާހަރާތަކަށް ތައްޔާރުވެއްޖެ

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

އިންޓަނެޓް ޖޯކަކުން ފެށި އިންޑިއާގެ ޒުވާނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން، އެ ހަރަކާތުގެ "ސީޒަން 2" ގެ ނަމުގައި އާ މުޒާހަރާތަކެއް ފަށަން ތައްޔާރުވެއްޖެއެވެ. މިފަހަރު އެ ހަރަކާތުގެ އަމާޒަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ އިންތިޚާބުތައް ބަލަހައްޓާ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ ގްޔާނޭޝް ކުމާރެވެ.

މިދިޔަ މެއި މަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވަޒީފާނެތް ޒުވާނުންނަށް ނިސްބަތްކޮށް "ކޮކްރޯޗް" ނުވަތަ ކުރަފި އަދި ޕެރަސައިޓްގެ ނަމުން މުޚާތަބު ކުރެއްވި ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކާ ގުޅިގެން މި ހަރަކާތް އުފެއްދީ ބޮސްޓަން ޔުނިވާސިޓީން ގްރެޖުއޭޓްވި އަބީޖީތު ދީޕްކޭއެވެ. ފަނޑިޔާރު އެ ބަސްތައް ބޭނުންނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، ކުރަފީގެ ހަރުދަނާކަމާއި ގޮތްދޫނުކުރާ ސިފައަށް ތައުރީފުކޮށް ޒުވާނުން ވަނީ އެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށައިފައެވެ.


ފާއިތުވި ޖުލައި މަހު މި ހަރަކާތުން ވަނީ އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި މުޅި ޤައުމުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. ސޯޝަލް މީޑިއާ ވީޑިއޯތަކާއި، ނެށުމާއި، ޑީޖޭ ޕާޓީތަކުގެ ސަބަބުން ޒުވާނުންގެ ސަމާލުކަން ހޯދި މި މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ފަހަތަށް ޖެހި، ތަޢުލީމީ ވަޒީރު މަޤާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެފައެވެ.

މިފަހަރުގެ މުޒާހަރާތަކުގައި ސީޖޭޕީން ތުހުމަތުކުރާ ގޮތުގައި އިލެކްޝަން ކޮމިޝަނުން ވޯޓު ލިސްޓުތައް ސާފުކުރުމުގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތަކީ ވެރިކަންކުރާ ބީޖޭޕީއަށް ފައިދާވާ ގޮތަށް އެތައް މިލިއަން ރައްޔިތުންނެއްގެ ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ހިންގާ ކަމެކެވެ. ނަމަވެސް ބީޖޭޕީ އާއި އިލެކްޝަން ކޮމިޝަނުން މި ތުހުމަތުތައް ދޮގުކުރެއެވެ.


މިއަދު ވެރިރަށް ނިއުދިއްލީގެ ޖަންތަރު މަންތަރުގައި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވާއިރު، ފުލުހުން ވަނީ ސަރަހައްދު ބަންދުކޮށް، ދިއްލީއަށް ދަތުރުކުރާ ބައެއް ރޭލުތަކާއި މެޓްރޯގެ 50 އަށް ވުރެ ގިނަ ސްޓޭޝަން ބަންދުކޮށްފައެވެ. އަދި މައި ސަރަހައްދުގެ މޯބައިލް އިންޓަނެޓް ޚިދުމަތްވެސް ވަނީ މެދުކަނޑާލައިފައެވެ. މި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް ގޮވާލައިފައެވެ.

ކުރީގެ މުޒާހަރާތަކާ ޚިލާފަށް އިލެކްޝަން ކޮމިޝަނުގެ ވެރިޔާ މަޤާމުން ވަކިކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ދެގޭގެ ޚާއްޞަ އަޣުލަބިއްޔަތެއް ބޭނުންވާތީ، މިއީ މި ޒުވާން ހަރަކާތަށް ކުރިމަތިވާނެ ވަރަށް ބޮޑު އިމްތިހާނެކެވެ. މިއަދު ފެށޭ މުޒާހަރާތަކުން ސާފުވެގެންދާނީ އިންޓަނެޓް މީމްތަކުން އުފެދުނު މި ހަކަތައިން އިންޑިއާގެ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް މުއައްސަސާއަށް ޕްރެޝަރު ފޯރުވޭނެތޯ ނުވަތަ ނޫންތޯއެވެ.