ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ޕާޓީ ތަކުގައި އާދަޔާ ހިލާފު ނުބައި ލީޑަރުން ތިބި ޕާޓީތައް އެބަހުރި: މެމްބަރު ފަލާހު

މުހައްމަދު ހަމީޒް
 
22 ގަޑިއިރު ކުރިން

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި، އެ މިނިވަންކަން ދިން ހިސާބުން މުޖުތަމައަށް ނޭދެވޭ ނުބައި ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ނުބައިކޮށް އުޅޭ މީހުންނާއި ނުބައި ލީޑަރުން ތިބި ޕާޓީތައް އެބަހުރި ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި އެފަދަ ލީޑަރުންގެ ވިޔާނުދާ އަމަލުތަކާއި ދައްކަވާ ވާހަކަތައް ރައްޔިތުންނަށް ފެންނަން އެބަހުއްޓެވެ. "އެ ލީޑަރުންގެ ވާހަކަފުޅުގައި އެ ބޭފުޅުން އެ ގޮވާލަނީ އެކަކު އަނެކަކަށް އިހުތިރާމުކޮށްގެންނުވާނެ ކަމަށް. އިހުތިރާމްކުރުމަކީ ސިޔާސީ ޕާޓީތައް އުފައްދައިގެން އަލަށް މި ފެށުނު ސިޔާސީ ރާއްޖޭގައި ކޮށްގެންވާނެ ކަމެއް ނޫނޭ،" ފަލާހު ވިދާޅުވިއެވެ. އަދި ބޭނުން އެއްޗެއް ދިމާލަށް ބުނުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް ބުނެ، މުޖުތަމައު ހައްދުން ނައްޓުވާލުމަށް ބައެއް ލީޑަރުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މެންބަރު ފަލާހުގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް ސިޔާސީ ލީޑަރުން ދަނީ ރާއްޖޭގައި ނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި، ކޮންމެ ދީނަކަށް ވެސް އުޅެވެންވާނެ ކަމަށް ބުނެ އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަތައް ފަތުރަމުންނެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން މިއަދު މުޖުތަމައު އޮތީ ހުރިހާ ކަމަކުން ހައްދުން ނައްޓާފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޕީ.އެން.އެފް އާއި އިންޑިއާ ގުޅުން

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީ.އެން.އެފް އަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ، ކުރިން ޕީ.ޕީ.އެމްގައި ތިބެގެން އަވައްޓެރި ގައުމުތަކުގެ ވެރިންނަށް މަލާމާތްކޮށް ހިތްވަރުދިން ލީޑަރުން މިއަދު ވެސް ތިބީ އެ މަސައްކަތުގައި ކަމަށެވެ. ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއާއެކު އާދަޔާ ހިލާފު ގާތް ގުޅުމެއް އުފައްދަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާދަޔާ ހިލާފު ގުޅުމެއް އިންޑިއާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އުފައްދަވައިފި. ޚާއްޞަ ގުޅުމެއް، ޚާއްޞަ ލޯތްބެއް، ޚާއްޞަ އެހީތެރިކަމެއް އިންޑިއާ ސަރުކާރުން މިއަދު ދަނީ ދެމުން،" ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ރާއްޖޭގައި މުޒާހަރާ ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.