އިންޑިއާގެ އަސްލު ވެރިޔަކީ އަމްބާނީތޯ ސުވާލު އުފައްދަވައި އިލޮން މަސްކް ފާޑުވިދާޅުވެއްޖެ

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

އިންޑިއާގައި ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ފެށުމަށް ބޭނުންވާ ފަހުގެ ހުއްދަތައް ލިބުން ލަސްވަމުންދާތީ، އެ ޤައުމުގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީ އަކީ އިންޑިއާގެ "އަސްލު ވެރިޔާ" ތޯ ސުވާލު އުފައްދަވައި ސްޕޭސްއެކްސްގެ ބާނީ އިލޮން މަސްކް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. މި ފާޑުކިޔުންތައް އަމާޒުކުރައްވާފައިވަނީ ބާރުގަދަ ވިޔަފާރިވެރިން ސްޓާލިންކް އިންޑިއާއަށް ވަނުމަށް ހުރަސްއަޅަމުންދާ ކަމަށް މަސްކް ތުހުމަތުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

މަސްކް ވަނީ އިންޑިއާގެ ކޮންސިއުމަރުންނަށް ޚިދުމަތް ލިބުމަށް ހުރަސްއަޅައި، މޮނޮޕޮލީއެއް ހިފަހައްޓަން މަސައްކަތްކުރާ ބަޔަކު އެބަތިބި ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓްކުރައްވާފައެވެ. "ސްޓާލިންކަށް 165 އަށް ވުރެ ގިނަ ޤައުމުން ލައިސަންސް ލިބިފައިވޭ. އަދި އިންޑިއާ ސަރުކާރުގެ ހުރިހާ ޤަވާއިދަކަށް ބޯލަނބާތާ ފަސް އަހަރު ވެއްޖެ. އެހެންވީއިރު އަދިވެސް ލައިސަންސް ނުލިބެނީ ކީއްވެ؟ އިންޑިއާގެ އަސްލު ވެރިޔަކީ އަމްބާނީތަ؟" މަސްކް ވިދާޅުވިއެވެ. މީގެއިތުރުން ސްޓާލިންކް ހުއްޓުވުމަކީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވިއެވެ.


މަސްކްގެ މި ތުހުމަތުތައް އިންޑިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އިން ވަނީ ދޮގުކޮށްފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ސެޓެލައިޓް މުވާސަލާތީ ޚިދުމަތުގެ ޤަވާއިދުތަކަކީ އިންސާފުވެރި އަދި އެންމެންނަށް ހަމަހަމަ ޤަވާއިދުތަކެއް ކަމަށެވެ. އަދި ސްޓާލިންކް، ޔޫޓެލްސެޓް ވަންވެބް އަދި ޖިއޯ ސެޓެލައިޓް ކޮމިއުނިކޭޝަންސް އަށް ހުއްދަ ދިނުމުގެ މަރުހަލާ ކުރިއަށްދަނީ އެއް ހަމައެއްގައި ކަމަށާއި، މި ތިން ކުންފުނިން ވެސް ޚިދުމަތް ފެށުމުގެ ކުރިން ސަލާމަތީ ކްލިއަރެންސާއި ސްޕެކްޓްރަމް ދޫކުރުމުގެ މަރުހަލާ ފުރިހަމަކުރަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ. މި މައްސަލައިގައި އަމްބާނީގެ ރިލަޔަންސް ގްރޫޕުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި ކޯޅުން ބޮޑުވެފައިވަނީ އިންޑިއާގެ ސެޓެލައިޓް އިންޓަނެޓް މާކެޓަށް ވަނުމަށް ރިލަޔަންސް ޖިއޯ އާއި ބާރަތީ އެއާޓެލް އިން ވެސް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުގެ ހުއްދަ ލިބުމުން އިންޑިއާގައި ސްޓާލިންކްގެ ސާމާނާއި ޚިދުމަތް ފޯރުކޮށްދިނުމަށް 2025 ވަނަ އަހަރުގެ މާޗް މަހު ސްޕޭސްއެކްސް އިން ޖިއޯ އަދި އެއާޓެލްއާއެކު އެއްބަސްވުންތަކެއް ހަދާފައިވާ ކަމެވެ.


ނިއުދިއްލީގައި ބޭއްވި އިންޑިއާ މޮބައިލް ކޮންގްރެސްގައި ރިލަޔަންސް ޖިއޯ އިންފޮކޮމްގެ ޗެއާމަން އަދި މުކޭޝް އަމްބާނީގެ ދަރިކަލުން އާކާޝް އަމްބާނީ ވިދާޅުވީ، އެ ކުންފުނިން އަމިއްލަ ސެޓެލައިޓް ޓެކްނޮލޮޖީ ތަރައްޤީކޮށް ރެގިއުލޭޓަރީ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަސްކްގެ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އާކާޝް ވަކި އެއްޗެއް ވިދާޅުވާން އިންކާރުކުރައްވައި ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

ސްޓާލިންކް އިންޑިއާއަށް ވަނުމުގައި ސަލާމަތީ ކަންބޮޑުވުންތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން 2024 ވަނަ އަހަރު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައާއި އަސްކަރީ އޮޕަރޭޝަނެއްގައި ސްޓާލިންކްގެ އިކުއިޕްމަންޓްތަކެއް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގަތް ނަމަވެސް، މަސްކް ވިދާޅުވެފައިވަނީ އިންޑިއާގައި ސްޓާލިންކްގެ ޚިދުމަތް އެއްވެސް އިރެއްގައި އެކްޓިވްކޮށްފައި ނުވާނެ ކަމަށެވެ. މީގެއިތުރުން، އިންޑިއާގެ ރަށްފުށުގެ ސަރަހައްދުތަކުގެ އާންމުންނަށް މި ޚިދުމަތުގެ އަގު އަތްފޯރާފަށުގައި ހުންނާނެތޯ ވެސް ސުވާލު އުފެދިފައިވެއެވެ.