ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރަށް މިއަދު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

އިންޑިއާ ސަރުކާރަށް ދިވެހިރާއްޖެއިން މިއަދު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ދަރަންޏަކީ ކުރީގެ ސަރުކާރުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން ބައެކެވެ. ރައީސް ވިދާޅުވި ގޮތުގައި މި ދަރަންޏަކީ 2021، 2022 އަދި 2023 ވަނަ އަހަރުވެސް ރޯލްއޯވަރ ކުރަމުން އައި ދަރަންޏެކެވެ. ނަމަވެސް މި ސަރުކާރު ފެށުމަށްފަހު، މިދިޔަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު މީގެ ތެރެއިން ބައެއް ވަނީ ދައްކާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ބާކީ އޮތް ބައި އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ރޯލްއޯވަރ ކުރަމުން އައިސް، މިއަދު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު މިހާރު ވަނީ ދައްކާ ނިންމާފައެވެ. "އެހެންވީމާ، ބާކީ އޮންނާނީ އިތުރު ފަންސާސް. އެއީ، ސެޕްޓެންބަރުގައި އެވެސް އަޅުގަނޑުމެން ދައްކާ ނިންމާނަން،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި 100 މިލިއަން ޑޮލަރުގެ ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތް ކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މީގެ ކުރިން ކޫކްގެ ދަރަނިވެސް ދައްކާ ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ ބޮޑެތި ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.