ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އެމްޑީޕީ އަކީ އެކެއްގެ ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫން: މީކާއިލް

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެކެއްގެ ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫން ކަމަށާއި، އެއީ ވަކި ބަޔަކު ވަކިވެގެން ގޮސް ނައްތައިލެވޭނެ ޕާޓީއެއް ނޫންކަން އާންމު މެންބަރުން ސާބިތުކޮށްދީފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕާޓީއާ ވަކިވެގެންދިޔަ މީހުންނަށް އެއްޗެއް ވިސްނި، އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ. ނަމަވެސް އެ ދުވަސް ނައީ އެ ބޭފުޅުން އެމްޑީޕީގެ އާންމު މެންބަރުންގެ މަތިން ހަނދާން ނައްތާލުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ޕާޓީއަކީ އެކެއްގެ ވަށައިގެން އެނބުރޭނޭ ޕާޓީއެއް ނޫންކަން، މި ޕާޓީއަކީ ވަކި ބަޔަކު ވަކިވެގެން ގޮސް ނައްތައިލެވޭނެ ޕާޓީއެއް ނޫންކަން އަޅުގަނޑުމެން މި ޕާޓީގެ އާއްމު މެންބަރުން ސާބިތުކޮށްދިނީ،" މީކާއިލް ވިދާޅުވިއެވެ.

އެމްޑީޕީއަކީ މަރުވެފައި އޮތް ޕާޓީއެއް ނޫންކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަކީ ވެސް އެމްޑީޕީއަކީ ދިރިދެމިއޮތް، ޖޯޝާއި ފޯރީގައި އާ ޒަމާނެއް ރާއްޖެއަށް ގެނެސްދޭނެ ޕާޓީއެއްކަން ދައްކުވައިދިން އަހަރުތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަކީ ގްރަހުންތަކެއްގެ ގޮތުގައި ނުދެކުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، އިދިކޮޅުގައި އޮވެ ބޮޑު ސަރުކާރަކާއި، ފައިސާއާއި މަހުޖަނުންގެ އެންޑޯސްމަންޓްތަކާ ދެކޮޅަށް ނުކުމެ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަކީ އެމްޑީޕީގެ ދިރިހުރިކަމުގެ ހެއްކެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުންނަކީ މަރުވެފައި ތިބި ބަޔަކު ނޫންކަން މިއަދު ވަނީ ސާބިތުވެފައެވެ.