ވައްކަން ކުރުމަށް އިސްކަންދޭ ސަރުކާރުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ކޮރަޕްޝަނާއި ވައްކަމަށް މަގުފަހިވާ ގޮތަށް އަމަލުކުރާ ސަރުކާރުތައް ރައްޔިތުން ބަލައިނުގަންނަކަން މާޒީން ސާފުވާން އޮތް ކަމަށް ފާހަގަކުރައްވާފަ އެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ، ވައްކަން ކުރި ސަރުކާރުތައް ދޫކޮށްލުމަށްފަހު 2023 ވަނަ އަހަރު ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރީ އިހުލާސްތެރި ވެރިކަމެއްގެ އުއްމީދުގައި ކަމަށެވެ. އަދި ހެޔޮވެރިކަމެއް ގާއިމުކުރުމަށްޓަކައި މަޖިލީހުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށްދިޔައީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުންނެވެ. މި ބަހުސްގެ ތެރެއިން އެމްޑީޕީގެ މެންބަރުން ވަނީ ސިނގިރޭޓުގެ އަގު ބޮޑުކުރުމަކީ ސަރުކާރުން ވައްކަން ކުރުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން ވަނީ ސަރުކާރުގެ މި ނިންމުން ދިފާއު ކުރައްވައި ވާހަކަދައްކަވާފަ އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތަކަށް ބަލާއިރު، 2024 ނޮވެމްބަރު މަހު ސިނގިރޭޓަކުން ނަގާ ޑިއުޓީ ވަނީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ހަމަޖައްސައި، އޭގެ އިތުރުން އެޑްވެލޮރަލް ޑިއުޓީގެ ގޮތުގައި 30 އިންސައްތަ ނެގުމަށެވެ.
މި އިސްލާހުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް އެހީތެރިވެދޭ ތަކެތި ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.