ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނީ ރައީސް މުޢިއްޒު: އަބްދުއްރަހީމް

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

2028 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް ބައި-އިލެކްޝަންގައި އއ. ހިމަންދޫ އިން ޕީއެންސީ ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ބޮޑުތަނުން ކާމިޔާބު ކުރައްވާނީ ރައީސް މުޢިއްޒު ކަމަށެވެ. އަދި އެކަން ކުރާނީ ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދައިގެން، ރައްޔިތުންގެ މަޝްވަރާއާ އެކީގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ދެވަނަ ދައުރަކަށް އިންތިޚާބުވާ ފުރަތަމަ ވެރިޔަކަށް ވެސް ވެވަޑައިގަންނަވާނީ ރައީސް މުޢިއްޒު ކަމަށެވެ. "އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ދެވަނަ ދައުރަކަށް ވެރިކަން ކުރާ ފުރަތަމަ ވެރިޔަކަށް ވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އޮތް އިތުބާރު ބޮޑުވަމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.