ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް | ފޮޓޯ: މަޖްލިސް

މިލިޓަރީ ޓްރޭނިންގ ނަހަދާނަމަ ސަރުކާރުގެ ވަޒީފާ ނުދިނުމަށް މެމްބަރު ހުސެއިން ޝަރީފް ގޮވާލައްވައިފި

މުހައްމަދު ހަމީޒް
 
20 ގަޑިއިރު ކުރިން

ސަރުކާރުގެ ވަޒީފާތަކަށް އަލަށް ނުކުންނަ ޒުވާނުންނަކީ އަޚްލާޤީ ގޮތުންނާއި ކިޔަމަންތެރިކަމުގެ ގޮތުން ތަރުބިއްޔަތުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، މިލިޓަރީ ޓްރޭނިންގ ފުރިހަމަނުކުރާ ކުދިންނަށް ސަރުކާރުގެ ވަޒީފާ ނުދިނުމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ގޮވާލައްވައިފިއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، އޯ ލެވެލް އަދި އޭ ލެވެލް ނިންމާ ކުދިންނަށް ސަރުކާރުގެ ވަޒީފާ ދޭންވާނީ ފުރަތަމަ މިލިޓަރީ ޓްރޭނިންގއެއް ފުރިހަމަކުރުމުން ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާހިތް އޮތީ ދިވެހިރާއްޖޭގެ އޭ ލެވެލް، އޯ ލެވެލް ހަދާ ހުރިހާ ކުދިން ސަރުކާރުން ވަޒީފާއަށް ދެންޏާ ފުރަތަމަ ތަރުބަވީ ޓްރެއިނިންގައި ހަމަ މިލިޓްރީ ޓްރެއިނިންގއަށް ފޮނުވަންވީ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ހުސެއިން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިހާރު ވަޒީފާގެ މާޙައުލަށް ނުކުންނަ ކުދިންގެ އަތުގައި ރަނގަޅު ސެޓުފިކެޓުތަކާއި ނަތީޖާ ހުރި ނަމަވެސް، މަސައްކަތުގެ އަޚްލާޤާއި ކިޔަމަންތެރިކަމުގެ މައްސަލަތައް އެބަހުއްޓެވެ. އަދި ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ހިންގުމުގެ ޚަރަދާއި މުވައްޒަފުންގެ މުސާރައަށް ހޭދަކުރާއިރު، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި ކުންފުނިތަކުން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކަށް އިޝާރާތްކުރައްވަމުން މެމްބަރު ވިދާޅުވީ، ފޯނު ކޯލަކަށް ޖަވާބު ނުލިބި އެތައް ވަގުތެއް ހޭދަވާކަމުގެ ޝަކުވާ އާންމުން ކުރާ ކަމަށެވެ. އެހެންކަމުން، ވަޒީފާ އަދާކުރުމުގައި ވަފާތެރިކަމާއި، ގަޑިއަށް ސަމާލުކަންދިނުމާއި، އިހުތިރާމާއެކު ޚިދުމަތް ދޭނެ ބަޔަކު ބިނާކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މީގެ ވިއްސަކަށް އަހަރު ކުރިން ވަޒީފާގެ މާޙައުލަށް ނުކުތް ޖީލުތަކުގައި ހުރި ކިޔަމަންތެރިކަމާއި އަޚްލާޤު މިހާރު ފެންނަމުން ނުދާކަން ފާހަގަކުރައްވައި، މިލިޓަރީ ޓްރޭނިންގއަކީ ކުދިން ތަރުބިއްޔަތު ކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެމްބަރު ސިފަކުރެއްވިއެވެ.