ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ އެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ އެ ރަށު ބިންހިއްކުމުގެ މަސައްކަތް މިއަދު ނިންމާލާފައިވާ ކަމަށެވެ.
އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ދިއްދޫ ބިން ހިއްކާފައިވަނީ ބޭނުން ބިޔަ ބޮޑު ޑްރެޖަރެއް ކަމަށްވާ ޓްރެއިން ސަކްޝަން ހޮޕަ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ޑްރެޖަރެކެވެ.
މި މަޝްރޫއުގެ ދަށުން ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއެކު، އެ ރަށުގެ ބިމުގެ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލު ލިބި، އެއާޕޯޓު ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.