ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމްކުރި އައުޓްޑޯ ޖިމް މިއަދު ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޖިމް ޕާކުގައެވެ. މި ސަރަހައްދަކީ އެ ސަރަހައްދުގެ ޓާފް ދަނޑު ކައިރީގައި އޮންނަ ތަނެކެވެ.

އަލަށް ހުޅުވި މި އައުޓްޑޯ ޖިމުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ ތަފާތު އިކުއިޕްމަންޓް ބެހެއްޓިފައި ހުރެއެވެ. މީގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ފަސޭހަކަމާއެކު ކަސްރަތު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މިއީ ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
އެޗްޑީސީގެ އަމާޒަކީ ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމެވެ.