ރީތިގަސް ފުލެޓު

ރީތިގަސް ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރަަނީ

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

ހުޅުމާލޭގައި އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތްކޮށްފައިވާ "ރީތިގަސް" ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތަކުގައި އެކި ހިދުމަތްތައް ހިންގާނެ ފަރާތްތައް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

ހުޅުމާލެ ރީތިގަސްއަކީ އެޗްޑީސީގެ މުވައްޒަފުންގެ ބޯހިޔާވެހިކަމަށް ހާއްސަކޮށްގެން ބިނާކޮށްފައިވާ އިމާރާތްތަކެކެވެ. މި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެޗްޑީސީން ވަކިވަކިން ކުރި އިއުލާންތަކެއްގައި ވަނީ އެ ތަނުގައި ވެލްނަސް ސެންޓަރަކާއި، ސެލޫނެއްގެ އިތުރުން ބުކްޝޮޕެއް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެޗްޑީސީގެ އިއުލާނުގައިވާ ގޮތުން، މި މަސައްކަތަށް ހޮވޭ ފަރާތަކުން އެ ކޮމާޝަލް ޔުނިޓްތައް ފަރުމާކޮށް، ތަރައްގީކޮށް، ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގަން ޖެހޭނެ އެވެ.

ބުކްޝޮޕް ހިންގުން ބުކްޝޮޕް ހިންގުމަށް ކަނޑައަޅާފައިވަނީ 1,030.75 އަކަފޫޓުގެ ޔުނިޓެކެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 14:00 އެވެ. 

ސެލޫން ހިންގުން ސެލޫން ހިންގުމަށް ހާއްސަކޮށްފައިވަނީ 1,463.14 އަކަފޫޓުގެ ޔުނިޓެކެވެ. މި ޔުނިޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 6 އެއްވާ ބުދަ ދުވަހުގެ 14:00 އެވެ. އަދި ވެލްނަސް ސެންޓަރު ހިންގުން ވެލްނަސް ސެންޓަރު ހިންގުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1,931.07 އަކަފޫޓުގެ ޔުނިޓެކެވެ. މި ޔުނިޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ހުރިހާ ޔުނިޓްތަކަކަށް ވެސް ޕްރޮޕޯޒަލް ހުށަހަޅާއިރު، އުސޫލުގައިވާ ގޮތުގެ މަތިން ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ އެވެ.

މި މަޝްރޫއުތަކުގެ މަގުސަދަކީ ރީތިގަސް ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި އެ ސަރަހައްދުގެ އާންމުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.