ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް މަޖިލީހުގެ ތެރޭގައި ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މެމްބަރު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައި އޮތް ނަމަވެސް، އެ މިނިވަންކަމުގެ ތެރެއިން ދީނުގެ އަސްލުތަކާ ޚިލާފުވާ ހިސާބުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފަށް އެއްވެސް ވާހަކައެއް ދެއްކިގެން ނުވާނެކަން ގަވާއިދުތަކުން އެނގެން އޮތްއިރު، އެފަދަ ކަންކަން ހިނގާއިރު މުއައްސަސާތަކުން ފިޔަވަޅު ނާޅާތީ މެމްބަރު ވަނީ ސުވާލު އުފައްދަވާފައެވެ. "އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ ހިސާބަކީ ކޮބައިތޯ؟ އެ ހިސާބު ދަނެނުގަނެ ތިބެގެން ހަމަ އިސްލާމްދީނުގެ އަސްލަކާ ޚިލާފަށް ވާހަކަދައްކަނީ،" މެމްބަރު ވިދާޅުވިއެވެ. އަދި މިނިވަންކަމުގެ ހައްދުތަކުން ބޭރުވެގެންދާއިރު ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ ބޭނުމަކީ ކޮބައިތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން، މީހުންގެ އަބުރާއި ކަރާމަތަށް އަރައިގަތުމާއި، ޒިނޭ ފަދަ ބޮޑެތި ތުހުމަތުތައް ސީދާ ސިއްކަޖެހޭ ފެންވަރަށް ދައްކަމުންދާއިރު، އެކަންކަން ހުއްޓުވަން މުއައްސަސާތައް ހޭވެރިވާންޖެހޭ ކަމަށް ހުސެއިން ޝަރީފް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ވަކި މީހަކު ނިސްބަތްވާ ޕާޓީއަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ބަލައި، އެ މީހެއްގެ އިންސާނީ ކަރާމަތް ގެއްލޭ ހިސާބަށް ކަންކަން ދާއިރުވެސް މުއައްސަސާތަކުން ޒިންމާ އަދާނުކުރާ ކަމަށް ފެންނަ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުން ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި، ނާޖާއިޒު ގޮތުގައި ހޯދާފައިވާ މުއްސަނދިކަމުގެ ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، އެފަދަ ކަންކަމުގައި ފިޔަވަޅު ނޭޅި ދިއުމަކީ މައްސަލައެއް ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމުގެ ނަމުގައި ބޭނުންހާ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮތުމަކީ މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިންމާލަމުން މެމްބަރު ހުސެއިން ޝަރީފް ވިދާޅުވީ، މިފަދަ މައްސަލަތަކަށް ވަގުތުން ވަގުތަށް އެޑްރެސްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ދޫކޮށްލުމަކީ އިތުރު މައްސަލަތައް އުފެދުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މުއައްސަސާތަކުން އެ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.