ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' | ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ހުޅުވައިފި

މުހައްމަދު ހަމީޒް
 
22 ގަޑިއިރު ކުރިން

އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމުކުރި 'N1 ސްޕޯޓްސް ޕާކު' ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މިތަން ތަރައްގީކޮށްފައިވަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައެވެ.

އެޗްޑީސީއިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކިކް އޮފް މެޗުތަކާއެކު އެ ޕާކު ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމް އެވެ.

އެޗްޑީސީއިން ބުނީ މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ފެސިލިޓީތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމުކުރި ޕާކެކެވެ.

އެގޮތުން، އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައެވެ. އަދި މިތަން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނިވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މިފަދަ މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.