ފޭސް ދޭއްގައި މަސްބާނާ ޕްލެޓްފޯމެއް ހަދަން ހިޔާލު ހޯދަނީ

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ބުލެވާޑް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، މަސްބާނާ ޕްލެޓްފޯމެއް އެޅުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއާރުއޭ) އިން މިހާރު އަންނަނީ ހުޅުމާލެ ފޭސް ދޭއްގެ ބީޗް ބުލެވާޑް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އީއައިއޭ ގަވައިދު ބުނާގޮތުން މިފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމަކީ ލާޒިމް ކަމެކެވެ.

އެންއާރުއޭ އިން ހާމަކުރި ގޮތުގައި މި ސާވޭގެ މައިގަނޑު ބޭނުމަކީ، އާންމުންނާއި މަސްބާނާ ފަރާތްތަކުގެ އިތުރުން މޫދަށް އެރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތް ދެނެގަތުމެވެ. އަދި އެ ސަރަހައްދުގެ މިހާރުގެ ހާލަތާމެދު ހުރި ކަންބޮޑުވުންތަކާއި، އަލަށް ހަދަން ހުށަހަޅާފައިވާ އާޓިފިޝަލް ސްވިމިންގ ޕްލޭނާއި މަސްބާނާ ޕްލެޓްފޯމާ މެދު ދެކޭގޮތް ބެލުމެވެ. މީގެއިތުރުން މި މަސައްކަތާ މެދު އާންމުން ދެކޭގޮތާއި ފާޑުކިޔުންތަކަށް ވެސް މި ސާވޭގެ ތެރެއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ސާވޭއާ ގުޅޭގޮތުން އެންއާރުއޭ އިން ބުނީ، މިއީ އެއްވެސް ގޮތަކަށް ރަނގަޅު ނުވަތަ ނުބައި ޖަވާބެއް އޮންނާނެ ސާވޭއެއް ނޫން ކަމަށެވެ. އަދި ސުވާލު ކަރުދާހުގައި ހިމެނޭ ކޮންމެ ސުވާލަކަށް ޖަވާބު ނުދީ ދޫކޮށްލުމުގެ އިހްތިޔާރު ވެސް ބައިވެރިންނަށް ލިބިގެންވެއެވެ.

މީގެއިތުރުން، ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ އަމިއްލަ މައުލޫމާތު ނަގާނީ ހަމައެކަނި ޖަވާބުތައް ކަށަވަރު ކުރުމަށާއި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރުމަށް އެކަނި ކަމަށާއި، ތައްޔާރުކުރާ ރިޕޯޓުގައި އެއްވެސް މީހެއްގެ ނަމާއި ޒާތީ މައުލޫމާތު ނުހިމަނާނެ ކަމުގެ ޔަގީންކަން އެންއާރުއޭ އިން ދެއެވެ.

އެންއާރުއޭ އިން އިތުރަށް ފާހަގަކުރި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާއިރު ޕްލޭން މުރާޖައާ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ޕްރޮޖެކްޓާ ގުޅުންހުރި އެކި ކަންކަމަށް ރިއާޔަތްކޮށް މިހާރު ހުށަހަޅާފައިވާ ޕްލޭނަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.