މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިޝަރީސް މިނިސްޓްރީއިން ބުނެފި އެވެ.

ބީއެމްއެލް އާއި ފިޝަރީސް މިނިސްޓްރީން ގުޅިގެން މަސްވެރިންނަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން އެއްބަސްވުމެއް ގާއިމުކޮށް މިދިޔަ އަހަރުން ފެށިގެން ލޯނު ދޫކުރަން ފެށި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެގެންދިއުމާއެކު، މަސްވެރިންގެ ޤައުމީ ދަފުތަރުގައި ދަފުތަރުވެފައިވާ ފަރާތްތަކަށް ލޯނު ލިބޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 113 މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް މި ލޯނުތައް ދޫކުރަމުން ދަނީ "ބީއެމްއެލް މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މި އިންތިޒާމުގެ ސަބަބުން މަސްވެރިންގެ އާމްދަނީއަށް ބިނާކޮށް، ބޭންކުގެ އެކި މާލީ ހިދުމަތްތަކަށް ވާސިލުވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ފަހިވެގެން ގޮސްފަ އެވެ.

މި ސްކީމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ބޭނުންނުކޮށް 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގުމުގެ ފުރުސަތު ލިބެ އެވެ. މީގެ އިތުރުން، މަސްވެރިންގެ އާމްދަނީއަށް ބަލައި ކްރެޑިޓް ކާޑު ދޫކުރުމާއި، ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ބޮޑެތި ބޭނުންތަކަށް ބޭނުންވާ ކްރެޑިޓް ފެސިލިޓީތަކަށް ވެސް ފަސޭހައިން ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.