ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) އަށް ކުޑަ އޮޕަރޭޝަނެއް މިހާރު ކުރަމުންދާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ފުލުހުން މަޢުރޫފާއި އެހެން މަސްވެރިން ހައްޔަރުކުރުމަށް ފަހު، އެންމެންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. މަޢުރޫފް ހައްޔަރުކުރި ވަގުތު، ސިޑިމަތިން އޭނާ ދަމައިގެން ބާލައި، ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އަދިވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) 'ސަން' ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޢުރޫފުގެ ކުޑަ އޮޕަރޭޝަނެއް މިވަގުތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުރިއަށްދާ ކަމަށެވެ. ޒިޔާދު އިތުރަށް ވިދާޅުވީ، "ހަމަ ގައިމުވެސް މިހާރުން މިހާރަށް ސާޖަރީއެއް ހަދަންޖެހޭ" ކަމަށެވެ. މަޢުރޫފް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނުއެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި، މަޢުރޫފަށް ލިބުނު އަނިޔާއަކާ ގުޅިގެން ލޭ މަނާ ނުވުމުގެ ސަބަބުން އައިޖީއެމްއެޗްގައި މި ކުޑަ އޮޕަރޭޝަން ކުރަނީއެވެ. މި އަނިޔާ މަޢުރޫފަށް ލިބިފައި ވަނީ އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ސިޑިމަތިން ދަމައިގެން ބޭލި ވަގުތު ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.