އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަމުންގެންދަވާ ކަންކަން ކަމަށާއި، މަސްވެރިކަމުގެ ދާއިރާގެ ގިނަ މަޝްރޫޢުތައް މިހާރު ހުރީ މަސައްކަތް ފަށައިގަތުމުގެ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 45 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް މިއަދު ރ. ދުވާފަރަށް ވަޑައިގެން، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައެއް ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ފައްކާވީމަ ކުރެވެން ހުރި ކަންކަން ކަމަށެވެ. އަދި، ބައެއް މަޝްރޫޢުތައް ގުޅިފައި ހުރީ ބޭރުގެ ބައެއް ލޯނުތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ވަކި ޕްރޮސީޖަރއަކުން ފަހަރަކު ކަމެއް ޕްރޮސެސްވާނެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ބައެއް ކަންކަން ފުރިހަމަކުރުމަށް ގިނަ ދުވަސް ނަގާފައި އެބަހުރި ކަމަށެވެ.
ބޭރުގެ އެހީގެ އިތުރުން މަސްވެރިކަމުގެ މަޝްރޫޢުތަކަށް ސަރުކާރުން ވެސް ބޮޑެތި ޚަރަދުތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކެއުޅުންނާއި، ޕްރޮސެސިން މަސައްކަތްތަކުގައި އުޅޭ ފަރާތްތަކުގެ އިތުރުން އެކިކަހަލަ ރޯދިތަކުން ނަފާ ހޯދާ ފަރާތްތަކުން ވެސް ފާހަގަކުރާ ކަންކަމަށް އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށެވެ.
ބޭނުންފުޅުވަނީ ޙަޤީގީ މާނައިގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ކަމަށާއި، ނަމެއްގައި އިޢުލާނުކޮށްގެން ކަމެއް ފަށަން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަމާއި، ރައްޔިތުން އެދިފައިވާ ކަންކަމަށް ރަނގަޅު ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމަށެވެ. ރައްޔިތުން ހާމަކުރާ ޚިޔާލު ބޭކާރުނުވާނެކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުވާފަރަށް ޒިޔާރަތްކޮށް މަސްވެރިންގެ ފޯރަމްގައި ބައިވެރިވިވީތީ އެފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.