"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލަ

މުހައްމަދު ހަމީޒް
 
9 ގަޑިއިރު ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމުގެ ގޮތުން މުޅިން އަލަށް ފަށާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު ހަތަރު ދާއިރާއެއްގެ ރައްޔިތުންނަށް މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް، މިމަހުގެ 27 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ވެސް ރައީސް އޮފީސް ވެބްސައިޓުން ފެނިގެންދާނެއެވެ.

މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގްސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެ ކަން އިއުލާން ކުރައްވައިފައެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި ވަގުތަކާއި އުސޫލެއް ކަނޑައަޅައިގެން އެމަނިކުފާނާ ބައްދަލުކުރެއްވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ. އެ ބައްދަލުވުންތައް ބާއްވާނީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ އެކީގައި ކަމަށާއި ހުރިހާ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލުކުރަން އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު އިސްކަން ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ދަތުރުފުޅު ކުރައްވާއިރު، އިސްކަން ދެއްވާނީ ވެސް އެކަހަލަ ފުރުސަތުތައް ދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.